Friday, February 19, 2010

މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައި މާބަހާރުގެ ރައީސާ ފާޠިމަތު އީމާން ދަރިވަރުންނާ މުޚާޠަބުކޮށް ދޭ ތަޤްރީރު


ބަސްމޮށުންތެރިކަމުގެ ހުނަރު އިންސާނާއަށް ދެއްވި ގަދަކީރިތިވަންތަ ﷲ ތަބާރަކަ ވަތަޢާލާއަށް ޙަމްދު ސަނާ ދަންނަވަން. ބަސްމޮށުންތެރިކަމުގައި އެންމެ ރީތި ބަސްމަގު ބޭނުންކުރެއްވި އަހަރުމެންގެ މާތް ނަބިއްޔާ މުހައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމައަށް ސަލަވާތާ ސަލާމް ލެއްވުން އެދި ދުއާކުރަން. މިދުޢާގައި އެކަލޭގެފާނުގެ އާލު އަސްހާބުން ޝާމިލް ކުރަން.

ޢިއްޒަތްތެރި ޕްރިންސިޕަލް، ޑިޕިއުޓީ ޕްރިންސިޕަލް، ލީޑިންގ ޓީޗަރުން، ލޮބުވެތި މުދައްރިސުން. އެކުވެރި ޠާލިބުންނާއި ޠާލިބާއިން. އައްސަލާމް ޢަލައިކުމް. އާދެ! މިއަދަކީ ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ މާދަރީބަހުގެ ދުވަސް. ދުވަހުގެ މުނާސަބަތުގައި ސްކޫލްގެ ވެރިންނަށާއި މުދައްރިސުންނަށާއި ދަރިވަރުންގެ އިތުރުން ތަޢުލީމީ ދާއިރާގެ ކަމުވޮށިގެންވާ އެންމެހާ ބޭފުޅުންނަށާއި ދިވެހި ރައިޔަތުންނަށް ތަހުނިޔާއާއި މުބާރަކް ބާދީ ދަންނަވަން.

އާދެ! މާދަރީބަހަކީ ކޮބައިތޯ؟ މާދަރީ ބަހަކީ ޤައުމެއްގައި އުޅޭ ބަޔަކު ރަސްމީ ގޮތުން ވާހަކަ ދައްކައި އުޅޭ އެބައެއްގެ އަމިއްލަ ބަސް. އެގޮތުން އަޅުގަނޑުމެންގެ މާދަރީ ބަހަކީ ދިވެހި ބަސް. ދިވެހިބަސް އުފެދުނީ ކިހާ ހިސާބެއްގައިތޯ ބަލާލާއިރު ތާރީޚީ ހޯދުންތަކުން އެގެނީ އެއީ ދިހަވަނަ ޤަރުނުގެ ތެރޭގައި ދެކުނު އޭޝިޔާގެ މަޝްހޫރު ބަހެއްކަމަށްވާ ސިންގަޅަ ބަހުން އުފެދިފައިވާ ބަހެއްކަމަށް. އަނެއް ހޯދުމަކުން އެނގޭ ގޮތުގައި ދިވެހި ބަހާއި ސިންގަޅަބަހަކީވެސް ސަންސްކިރިތް ބަހުން އުފެދިފައިވާ ބަހެއް. އަދި އެއީ އިންޑޯ އާރިއަން އާއިލާއިން ވާރުތަވެގެން އައި ބަހެއްކަމަށްވެސް ބުނޭ. ކޮންމެއަކަސް ކޮންމެ ދިމާލަކުން އަޔަސް އެނގޭ ހަޤީޤަތަކީ އެއީ އަހަރުމެންގެ އަމިއްލަ ބަސްކަން. އަހަރުމެންގެ އަތުގައިވާ ޤައުމީ އެންމެ ބޮޑު ތަރިކަކަން.

ދިވެހި ބަހުން ވާހަކަ ދައްކައި ލިޔަމުން އައިސް މިހިސާބަށް އާދެވުނު އިރު ބަހަށްވެސް އެތައް ތަރައްޤީއެއް އަތުވެއްޖެ. ދިވެސް އަކުރާއި އެވޭލާ އަކުރާއި ފެންފޯއް ތާނައާއި ތަނޑި ދިގު ތާނަ ދޫކޮށް މިހާރު ބޭނުންކުރާ ތާނައާއި ހަމައަށް އައި އިރު ލިޔުމުގެ ވައްޓަފާޅިއަށާއި ބައްޓަމަށްވެސް ބަދަލުތަކެއް އަތުވެއްޖެ. އެހެންނަމަވެސް އެނގޭ ހަޤީޤަތަކީ އަކުރުތަކުގެ ހުށަހެޅޭ އަޑު ނުވަތަ ފޮނެޓިކްސްއަކަށް އެއްވެސް ބަދަލެއް ނައަންނަކަން.

ނަަމަވެސް މިއަދު އަހަރުމެން ކޮޅުނެތްކޮޅަށް ހިތާމަކުރަންޖެހޭ މައިގަނޑު 2 ކަމެއް އެބައޮތް. އެންމެ ބޮޑު ބިރަކީ ދިވެހި ބަހުގެ ތެރެއަށް ބޭރުބަސް ވައްދައިގެން މަސްހުނިކުރުވައިގެންނާއި ، ބަހުގެ ހަމަތަކާއި ޚިލާފަށް ވަރަށް ގިނަ ބަޔަކު ބަސްބޭނުންކުރާކަން. ޚާއްސަކޮށް ރަނގަޅަށް ދިވެހިބަހުން ވާހަކަ ދައްކަން ނޭނގެނީސް ބޭރު ޤައުމުތަކަށްގޮސް އަހަރުތަކެއް ހޭދަކޮށްލާފައި އަންނަ ދިވެހިން ވާހަކަ ދައްކާއިރު އިނގިރޭސި ބަހާއި ޢަރަބި ބަސް، ދިވެހި ބަސްކޮށާރުގެ ތެރޭގައި ހުންނަ ދިވެހި ބަހުގެ ބަދަލުގައި ބޭނުން ކޮށް މިހާރު މިވަނީ އެދިވެހި ބަސްތައް ވަޅުލެވިފައި. ބިންގަލުގެ ބަދަލުގައި ފައުންޑޭޝަން، މަތިންދާބޯޓުގެ ބަދަލުގައި ފުލައިޓް، މޭވާގެ ބަދަލުގައި ފުރުޓް މިހެންގޮސް ކިތައް ބަސް ..... ބަހަށް ލޯބިކުރާމީހަކު ނަމަ ކަރުނައަޅައި ރޯނެ ކިތައްމެ ކަންތައްތައް ފެންނަން އެބަހުރި.

ދެންކޮބައިތޯ ލިޔުން. މީގެ ކުރިން ހިތަދޫ ނޫރާނީސްކޫލް އަމިއްލަ ސްކޫލެއްގެ ގޮތުގައި ހުރި އިރު އެސްކޫލުން ކިޔެވި ކޮންމެ ދަރިވަރަކީ ރީތިކޮށް ތާނަ ލިޔުމުގެ ރެކޯޑް ހަދާކުއްޖެއް. މިހާރުވެސް މިމަރުކަޒުގެ ސްޓާފުންނާއި ބެލެނިވެރިންގެ ގޮތުގައި އެ ޝަރަފު ހޯދާފައި ތިބި އެތައް ބަޔަކު އެބަތިބި. މިއީ ހަޤީޤަތް. މިއަދު ކޮންޕިއުޓަރގެ ޒަމާން އައިސް ތާނަ ފޮންޓްތައް އުފެދި ބޭނުން ކުރަން ފެށުމުން މިއޮތީ ރީތިކޮށް ލިޔުމުގެ އާދަވެސް ގެއްލިފައި. އޭލެވެލް ނިންމާފައި ވަޒީފާ ހޯދާ ކުދިންނަށް ރީތިކޮށް ތާނަ ލިޔާކަށް ނޭނގޭ. މިއީ އަހަރުމެން ލަދުގަންނަން ޖެހޭކަމެއް.

އެހެންކަމުން މި މުނާސަބީ ދުވަހު އަހަރެން ތިޔަ ކުދިންނަށް ގޮވާލަނީ އަތުލިޔުން ރީިތިކުރަން މަސައްކަތް ކުރާށޭ. ހަޑިކޮށް ލިޔެވޭ ކުދިން ރީތިލިޔުންތަކުގެ މަތީ ލިޔެގެންވެސް މިކަން ދަސްކުރާށޭ. ބަހުގެ ހަމަ ނުގެއްލޭގޮތަށް ވާހަކަ ދައްކާށޭ. އެއިން މިއިން އޭ ބުނުމުގެ ބަދަލުގައި އޭގެއިން މީގެއިން ނުކިޔާށޭ. ޚަބަރުގެ ބަދަލުގައި ހަބަރޭ ނުކިޔާށޭ. ވީހާގިނައިން ބަސްކޮށާރު މުއްސަނދިކޮށް ދިވެހި ބަހުން ވާހަކަ ދައްކާއިރު ސާފު ދިވެހި ބަސް ބޭނުން ކުރަން ދަސްކުރާށޭ. މަދުރަސާއިން ދޭ ދިވެހި ފިލާވަޅު އެހެން މާއްދާތަކަށްވުރެ ސަމާލުކަން ކުޑަ ނުކުރާށޭ. އިރާދަކުރެއްވިއްޔާ މިމަރުކަޒުގެ ދަރިވަރުންގެ ދިވެހި ބަހުގެ ފެންވަރު ރަނގަޅު ކުރުމަށް މާބަހާރުން މިއަހަރު ކާމިޔާބު މަސައްކަތެއް އަޅުގަނޑުމެން ކުރާނަން. އެކަމުގައި މެނޭޖްމަންޓާއި މުދައްރިސުންގެ އެއްބާރުލުން ލިބޭނެކަމީ ޝައްކެއް ހުރިކަމެއްނޫން. ތިޔަކުދިން މިއީ ޤައުމީ ކަމެއްކަން ދަނެ މިކަމަށް އެދެވޭ ތަރުޙީބު ދިނުމަކީ މާބަހާރުގެ އެދުމެއް.

ނިންމާލަމުން ކުރާ ދުޢާއަކީ ދިވެހި ބަސް ދިވެހި ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް މާތް ﷲ ހެޔޮތައުފީޤު ދެއްވުމާއެކު އަހަރުމެން ކޮންމެ ކުއްޖަކީ ދިވެހި ބަހަށް ލޯބިކުރާ ދިވެހިވަންތަ ދިވެއްސެއްކަމަށް ވުން. ކީރިތި ﷲ މިކަމުގައި ކާމިޔާބު ދެއްވާށި އާމީން..

އަސަރަކާ އަދި ފޮނިކަމެއް އެކިބަސްބަހުން ހަމަ ފެނުނަކަސް

އަސަރުގަދަ އަދި އެންމެ ފޮނި ބަހަކީ މަށަށް މިދިވެހި ބަހޭ

ވައްސަލާމު ޢަލައިކުމް.

.

No comments:

Post a Comment